ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން، ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށްދޭ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްޤީކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް، ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއީ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަމެއް ކަން ފާހަގަކޮށް، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިންގެ ފްލެޓުތައް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުސްކުރަން އެންގުމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ. މީގެއިތުރުން އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް މި އިއުލާނުގައި އެޗްޑީސީން ވަނީ އަންގާފަ އެވެ.
އަދި އެ ތާރީހުގެ ފަހުން، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ވެރިންނާއި އެޗްޑީސީއާ އެކު ސޮއިކޮށްފައިވާ ފްލެޓު އެއްބަސްވުން ބާތިލު ކުރާނެ ކަމުގެ އިންޒާރު ވެސް އެޗްޑީސީން މިރޭ ދިނެވެ.
މިފަދަ ކަންކަމުގައި އާންމުން ދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.



