ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން އަންނަ ޖެނުއަރީ މަހު ފަށާނެކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޞީރު ވިދާޅުވީ، ގައުމިއްޔަތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ދާއިރާގެ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާސްޓާސްގެ 50 ސްކޯލާޝިޕެއް ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތަމްރީންތައް ފަށައިގަތުމުގެ މަރުހަލާ ދަނީ ކުރަމުން. މި ކޯސްތައް ޖެނުއަރީ މަހު އައިޔޫއެމްގައި ފަށާނެ ކަމަށެވެ.
“އެ ފަށައިގަތުމުގެ ތަމްރީނުތައް މިހާރު ކުރިއަށް އެ ދަނީ އަޅުގަނޑުމެންގެ ވުޒާރާގައި. މި މަސައްކަތް ކުރިއަށް އެބަދޭ. މި ކޯސްތަކުގެ ރަސްމީ ކިޔެވުން އިސްލާމީ ޔުނިވާސިޓީގައި ފެށިގެން ކުރިއަށް ދާނެ،” އޭނާ ވިދާޅުވިއެވެ.
”ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް“ ގެ ނަމުގައި ތަޢާރަފުކުރި މި ފުރުޞަތަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕްގެ މައިގަނޑު މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، މި ދާއިރާއަށް ބޭނުންވާ ޤާބިލު ތަރިކަވެރީންތަކެއް ބިނާކުރުން ކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުން ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވަރސިޓީގެ ”މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް“ ޕްރޮގްރާމެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދިރާސީ މަސައްކަތުގެ ތެރެއިން، ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ.



