މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށް ނިންމައިފި ކަމަށާއި އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގުރޫޕްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި ހަތް ކުއްޖެއްގެ އިމްތިހާނު ކުރިއަށްދާއިރު އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެއާއެކު އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާއިރު 42 ހާފިޒަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ މެޑަލް ހާސިލްކުރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން، ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ސަރުކާރުން ހާފިޒުންގެ އެލަވަންސް ބޮޑުކުރިކަން ޝަހީމްގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގައި މިވަގުތު 280 އަށް ވުރެ ގިނަ ހާފިޒުން އެބަތިބި ކަމަށާއި ހާފިޒުންނަށް ވުމަށް އެކި ކްލާސްތަކުގައި 1500 އަށް ވުރެ ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން ވެސް އަންނަ ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.



