“ކޮންމެ ކުއްޖަކަށް އާއިލާއެއް” ސިޔާސަތުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން އާއިލާތަކާ ހަވާލުކޮށްފި ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު, ޑރ ޢާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.
އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިހާތަނަށް 110 ކުދިން އާ އާއިލާތަކާ ނުވަތަ އެކުދިންގެ އަމިއްލަ އާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށާއި، މި ޕްރޮގްރާމަށް އާއިލާތަކުން ލިބޭ ތަރުހީބު ބޮޑު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލައަށް އެދިގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓާ ކުރާ އާއިލާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެފައިވާ ކަމަށެވެ. މިނިސްޓްރީން މި އާއިލާތައް މޮނީޓާކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އާއިލާތަކުން ކުދިންނާ ދޭތެރޭ އާދަޔާޚިލާފަށް ހެޔޮކޮށް ކަމޭހިތާކަން ފާހަގަވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ހާއްސަކޮށް، ސަރުކާރުން އިސްކަންދެއްވައިގެން ހިންގާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، އާއިލާތަކާ ދުރުގައި ކުދިން ބެލެހެއްޓުމުން އެކުދިންނަށް ބޭނުންވާ ހުނަރުތައް މަދުވާކަން ފާހަގަކުރެވިފައިވާތީ، ކޮންމެ ކުއްޖަކަށް އާއިލާއެއްގެ ދިރިއުޅުމެއް ހޯދައިދިނުމެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 156 ކުދިންނެވެ. އެއީ 85 ފިރިހެން ކުދިންނާއި 71 ކުދިންނެވެ.



