ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކޮށްފައިވާ ޝަހީދު އަލީ ސްކޫލް ވަށައިގެންވާ މަގުތަކުގެ ޓްރެފިކަށްބަދަލު ގެނެސްފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ވަނީ އެ ސްކޫލް ހިމެނޭ ސަރަހައްދުގައި އޮންނަ ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2 މިހާރު އެއްކޮޅަށް ދުއްވޭ މަގުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށް ބުނެފައެވެ.
އެޗްޑީސީން ބުނިގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ނިމި، ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލް ހުޅުވާއިރު އެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. ސްކޫލަށް ދިއުމަށް ބޭނުންކުރާ މި ދެ ގޯޅިއަކީ ކާރުބާރު ބޮޑު ސަރަހައްދަކަށް ވުމުން، އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރުމުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، މި ނިންމުމަކީ ސްކޫލް ކުދިންނާއި ބެލެނިވެރިން ހިނގާބިނގާވެ އުޅުމުގައި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މަގުތައް އެއްކޮޅަށް ބަދަލުކުރުމުން އެކްސިޑެންޓްތައް މަދުވެ، ކުދިން ސްކޫލަށް ވަދެ ނުކުމެ އުޅުމުގައި އޮންނަ ނުރައްކާ ކުޑަވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރާއި އެހެނިހެން ހިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަށް ކަމަށެވެ.



