މީޑިއާ ވިލެޖް އެޅުމުގެ މަޝްރޫއުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ މިނިސްޓަރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މި މުހިންމު މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މީޑިއާ ވިލެޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ބަލަމުންދާ ކަމަށެވެ. އަދި މިހާރު މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީޑިއާ ވިލެޖް ތަރައްގީ ކުރަމުންދަނީ ކުރީގެ އެސްޓީއޯ ހޮޓާ ހުރި އިމާރާތުގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެތަނުގެ މަސައްކަތްތައް ނިމޭވަރަކުން މީޑިއާތަކަށް ވަރަށް ލުއި ފަސޭހަ ގޮތްތަކެއްގެ މަތިން އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
“މިހާރު އެތަނުގަ މިދަންނަވާހެން ބޮޑުބައި ނިމިއްޖެ، އެއީ ކުރީގެ އެސްޓީއޯ ހޮޓާ ހުރިތަން. ނިމޭވަރަކުން މީޑީއާތަކަށް ވަރަށް ލުއި ފަސޭހަ ގޮތަކަށް އެތަނުގެ އިންތިޒާމުތައް ހަމަޖެހޭ ގޮތަށް ކުރިއަށް ގެންދާނަން،” މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ގާއިމުކުރާ މި މީޑިއާ ވިލެޖް ތަރައްގީ ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.



