ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން، ރަސްމީ އިއްޒަތުގައި ބާއްވާ އެކަމަނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ހަމަޖައްސަވައިފިއެވެ. ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމު ފުރުއްވި ޚާލިދާ ޒިޔާ އަވަހާރަވީ މިއަދުއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންގެ އިތުރުން މަރުޙޫމާގެ އާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސްގެ މެސެޖުގައި ބޭގަމް ޚާލިދާ ޒިޔާއަކީ ބަންގްލަދޭޝްގެ ތާރީޚުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިނިސްޓަރު ޙައިދަރު ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑޮކްޓަރ މުޙައްމަދު ޔޫނުސާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ހަމްދަރުދީގެ މެސެޖު ރަސްމީކޮށް ރައްދުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، މި ދަތުރުފުޅުގެ ތެރެއިން ޚާލިދާ ޒިޔާގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ތަޢުޒިޔާ ދެންނެވުންވެސް ކުރިއަށްދާނެއެވެ.



