އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދޭ އަގަށް ލުއި ބަދަލުތަކެއް ގެނައުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ގެނެވޭ ބަދަލެއް ކަމަށެވެ.
ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އެސްއެމްއީތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބްރޭންޑްތަކެއް ތައާރަފުކުރުމަށް މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކަށްފަހު ކަނޑައެޅޭ އާ ބްރޭންޑްތަކާއި އޭގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ވިޔަފާރިތަކަށް މި ލުއި ދިނުމަށް ރައީސް މުޢިއްޒު ނިންމެވީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ވެމްކޯއަށް ކުނި އުކާލުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ކަންބޮޑުވުން ރައީސާ ހިއްސާކުރައްވާފައެވެ.
ވިޔަފާރިވެރިންގެ މި ޝަކުވާތަކާ ގުޅިގެން، ރައީސް ވަނީ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް ވެމްކޯއަށް އަންގަވާފައެވެ. .



