ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު ރޭ ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 54 އަހަރުގެ ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ހާސިލުކޮށްފައިވާ ފަންނުވެރިއެއް ކަމަށްވާ ފައްތާހު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހއ. ކެލައަށް އުފަން ފައްތާހަކީ ދިވެހި ފިލްމީ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވާ ފަރާތެކެވެ.
ފައްތާހުގެ ފިލްމީ ހަޔާތަށް ބަލާއިރު، އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. އޭނާ ޑައިރެކްޓްކުރި މަގުބޫލު ފިލްމުތަކުގެ ތެރޭގައި “ވެހޭ ވާރޭ ތެރެއިން”، “އޭނާ” އަދި “ޖިންނި” ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން “ދޯޕައްޓާ” އާއި “ހިނިތުންވެލާށޭ ކަލާ” ފަދަ މަގުބޫލު ޓީވީ ސިލްސިލާތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައް އޭނާ ވަނީ އާންމުންނާ ހަމައަށް ގެނެސްދީފައެވެ.
ފިލްމީ މަސައްކަތްތަކުން ދުރުވުމަށްފަހު ފައްތާހު ދިރިއުޅުން ބަދަލުކުރީ އުފަން ރަށް ކެލައަށެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ނެރުނު ފިލްމު “ހައްދު” އަށް ފަހު އޭނާ ގެންދިޔައީ އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ. އަދި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ވެސް އޭނާ އޮތީ ނިންމާފައެވެ.



