ކްލިނިކުތަކާއި އައިނު ފިހާރަތަކުގައި މަސައްކަތްކުރާ ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ލޮލުގެ ނަންބަރު ނުވަތަ ޕްރިސްކްރިޕްޝަންތަކަށް އާސަންދަ މެދުވެރިކޮށް އައިނު ހަދައިދޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ. މިއީ އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގެނައި ބަދަލެކެވެ.
މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، އާސަންދަ މެދުވެރިކޮށް އައިނު ހެއްދެނީ ހަމައެކަނި ހޮސްޕިޓަލަކުން ދޫކުރާ ޕްރިސްކްރިޕްޝަނަކަށް އެކަންޏެވެ. ނަމަވެސް މިކަމުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ދަތިތަކާއި، އައިނު ފިހާރަ ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޮޅުންފިލުއްވާފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވި ބައްދަލުވުމެއްގައި، އައިނު ވިޔަފާރިކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ކްލިނިކުތަކާއި ފިހާރަތަކުގައި ތިބެނީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ހުއްދަ ނަގައިގެން މަސައްކަތްކުރާ ގާބިލު އޮޕްޓޮމެޓްރިސްޓުން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ދޭ ލިޔުމަށް އާސަންދަ ނުލިބުމަކީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ރައްޔިތުންނާ ބޭއްވެވި ބައްދަލުވުންތަކުގައި ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް، އާސަންދަ ހިދުމަތް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަޖިސްޓްރީވެފައިވާ ކޮންމެ އޮޕްޓޮމެޓްރިސްޓަކު ދޫކުރާ ޕްރިސްކްރިޕްޝަނަކަށް އާސަންދައިގެ އެހީ ލިބޭނެ އިންތިޒާމު ހިމެނެއެވެ.
މި އާ އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 15 ޖަނަވަރީ 2026 އިން ފެށިގެންނެވެ.



