ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ޕާކިންގ ޒޯނުގެ ބޭރުން ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް، 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 00:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގާ ކަމަށެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެ އުޅަނދުތައް އެ ސަރަހައްދުން ނަގާފައި ނުވާނަމަ، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން އުޅަނދަކަށް ނުވަތަ އުޅަނދެއްގެ ވެރިފަރާތަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް، އެޗްޑީސީން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.



