މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ‘ރޯދަ ބާޒާރު ފެސްޓިވަލް’ އިން ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮފްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލަން ނިންމައިފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ފެސްޓިވަލުން ސްޓޯލް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 18 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ހުޅުވާލެވޭނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.
ސްޓޯލްތައް ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނީ ‘ފަސްޓް ކަމް-ފަސްޓް ސާވް’ ނުވަތަ ފޯމު ހުށަހަޅާ ތަރުތީބުން އިސްކަންދޭ އުސޫލުންނެވެ. މިގޮތުން ސްޓޯލްތައް ދޫކުރެވޭނީ އޮންލައިން ލިންކް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.
މިކަމާ ގުޅޭ އޮންލައިން ލިންކް އެޗްޑީސީގެ ރަސްމީ ވެބްސައިޓްގައި ޝާއިޢުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. ފޯމު ހުށަހެޅުމާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތު ކަރުދާސް އެޗްޑީސީގެ ވެބްސައިޓްތައް ކަމަށްވާ https://www.hdc.mv/ އަދި https://properties.hdc.mv/ އިން ލިބެން ހުންނާނެއެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯދޭނެ ކަމަށެވެ.



