ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އޮޑިދޯނިފަހަރުގައި ހުއްދަ ނެތި ފައިބަރުގެ މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށް ހައުސިންގ ޑިވެލޫޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ. އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި ފަޅުތެރޭގައި ފައިބަރުގެ މަސައްކަތް ކުރުމަކީ ތިމާވެއްޓަށާއި، ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. އެހެންކަމުން، ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ކަނޑައަޅާފައެވެ.
މި އެންގުމާ ގުޅިގެން، ހުޅުމާލޭ ފަޅުތެރޭގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުން 18 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ 00:00 ގެ ކުރިން އެ މަސައްކަތްތައް ހުއްޓާލުމަށް ނުވަތަ އެފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެ މަސައްކަތްތައް ހުއްޓާލާފައި ނުވާނަމަ، މެރިން ޕޮލިސް އާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުން ދޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.



