ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ ފުލެޓުތަކާއި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން، އެ ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން މައުލޫމާތު ހޯދަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އާދައިގެ ފޯނު ކޯލުތަކާއި މެސެޖުގެ އިތުރުން ވައިބާ މެދުވެރިކޮށް ވެސް ބަޔަކު ދަނީ އެޗްޑީސީގެ ނަމުގައި އާންމުންނަށް ގުޅައި އޮޅުވާލައިގެން މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކޯޕަރޭޝަނުން ވައިބާ ނުވަތަ އާދައިގެ ފޯނު ކޯލުތައް ބޭނުން ނުކުރާނެ ކަމަށެވެ. އެހެންކަމުން، މިފަދަ ގޮތްގޮތަށް ގުޅައިގެން މައުލޫމާތު ހޯދަން އުޅޭ ފަރާތްތަކަށް ސަމާލުވެ، އަމިއްލަ މައުލޫމާތު ހިއްސާ ނުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު، މިދިޔަ މަހު އެކަނިވެސް ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ކުރިން ވެސް ‘ގެދޮރުވެރިޔާ’ ސްކީމާއި، ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ތަފާތު ސްކޭމްތައް ހިންގަމުންދާތީ، އެކި ފަހަރު މަތިން ފުލުހުން ވަނީ އާންމުންނަށް އިންޒާރު ދީފައެވެ.



