ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާގެ 16 ޓަވަރުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. އެގޮތުން އެޗްޑީސީން ވަނީ ހިޔާ 8 ވަނަ ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައިވާކަމަށް ބުނެފައެވެ.
އެޗްޑީސީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދާއި ހަމައަށް މި މަޝްރޫއުގެ ޖުމްލަ 89 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން 16 ޓަވަރުގައި ޖުމްލަ 32 ސްޓްރެޗަރ ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސިވިލް މަސައްކަތްތަކާއި، ސްޓީލް ސްޓްރަކްޗަރތަކާއި، ކްލެޑިންގ އަދި ލިފްޓު ސިސްޓަމްތައް ހަރުކުރުމުގެ އިތުރުން ފިނިޝިންގ މަސައްކަތްތައް ހިމެނެއެވެ. އެޗްޑީސީން ބުނިގޮތުގައި މިހާތަނަށް ޑިޒައިން ކުރުމާއި، ސިވިލް މަސައްކަތްތަކުގެ އިތުރުން ސްޓްރަކްޗަރަލް އިންސްޓަލޭޝަންގެ ހުރިހާ މަސައްކަތެއްގެ ވަނީ 100 އިންސައްތަ ނިމިފައެވެ.
މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތަކަށް ބަލާއިރު، H1 އިން ފެށިގެން H8 އާ ހަމައަށް ހުރި ޓަވަރުތަކުގެ މަސައްކަތްތައް މުޅިން ނިމި، މިހާރު ވަނީ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައެވެ. މީގެ އިތުރުން H1 އިން H13 އާ ހަމައަށް ލިފްޓު ހަރުކޮށް، ޓެސްޓުކުރުމުގެ މަސައްކަތްތައް ވެސް ވަނީ ނިންމާލާފައެވެ. އަދި ހުރިހާ ޓަވަރެއްގެ ސްޓީލް އީރެކްޝަން މަސައްކަތްތައް ނިމިފައިވާއިރު، މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި H14، H15 އަދި H16 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި H9 އިން ފެށިގެން H12 އާ ހަމައަށް ކްލެޑިންގ އަދި ފްރޭމް ހަރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މީގެ އިތުރުން H11 އަދި H12 ގައި ފްރޭމް ފެބްރިކޭޝަން މަސައްކަތްތައް ކުރިއަށްދާއިރު، H16 ގައި ފްލޯ ކަނެކްޝަން ނުވަތަ ޕްލެޓްފޯމްގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މި މަޝްރޫއު ނިމުމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓަށް ކިއު ހަދަންޖެހޭ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ 86 އިންސައްތަ ނިމިފައިވާއިރު، ކްލެޑިންގ އަދި ފިނިޝިންގ މަސައްކަތުގެ 62 އިންސައްތަ ވަނީ ނިމިފައެވެ.



