ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ހާއްސަ ދީނީ ދަރުހެއް ބޭއްވުމަށް ނިންމައިފިއެވެ. އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ދަރުސް އޮންނާނީ މިރޭ 08:30 ގައި ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައެވެ.
“ﷲ ގެ ނިޔާއަށް ރުހުން” މި މައުޟޫއަށް ބާއްވާ މި ދަރުސް ދެއްވާނީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު އިބްރާހީމް (ނައިފަރު) އެވެ. މި ހަރަކާތަކީ މުޖުތަމައުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތަކަށް ވާތީ، ވީހާވެސް ގިނަ ބަޔަކު މި ދަރުހަށް ހާޒިރުވުމަކީ އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.
މި ދަރުހަކީ ހުޅުމާލޭގައި ދީނީ ދަރުސްތައް ދިނުމާއި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމަށްޓަކައި، އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު އެއްބަސްވުމުގެ (އެމްއޯޔޫ) ދަށުން ބާއްވާ ހަރަކާތެކެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިހާރުވެސް ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ދަނީ ހިންގަމުންނެވެ.
އެޗްޑީސީން ބުނި ގޮތުގައި، މިދިޔަ ހަފްތާގައި އެ ގުރުއާން ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން 100 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. މި ކްލާސްތަކަކީ އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ ކްލާސްތަކެކެވެ.
މި މަސައްކަތަކީ އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދީނަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގްރާމްތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.



