އެއްފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް އުފައްދާފައިވާ ޕްލާސްޓިކް ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ބޭނުންކުރުމަކީ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ. އެ އޮތޯރަޓީން ނެރުނު ބަޔާނެއްގައި ވަނީ ބޯފެނާއި ލުއިބުއިންތައް ހުސްކުރާ ފުޅިތައް އަލުން ބޭނުންކޮށްގެން ވިޔަފާރި ނުކުރުމަށާއި، އާންމު ދިރިއުޅުމުގައި ވެސް އެފަދަ ފުޅިތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި ބޯފެނާއި ލުއިބުއިންތައް ބަންދުކުރުމަށް ބޭނުންކުރަނީ ޕޮލިއެތިލީން ޓްރަތަޔަލޭޓް ނުވަތަ ޕީއީޓީ (PET) ޕްލާސްޓިކެވެ. މިއީ ހަމައެކަނި ވަކި ބާވަތެއްގެ އުފެއްދުންތަކެއް އެއްފަހަރު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެއްޗަކަށް ވާތީ، މި ފުޅިތައް ތަކުރާރުކޮށް ބޭނުންކުރުމުން އޭގައި ހުންނަ ކެމިކަލްގެ އަސަރު ކާބޯތަކެއްޗަށް ފޯރުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ނޭދެވޭ ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް އެ އޮތޯރަޓީން ފާހަގަކުރެ އެވެ.
ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ބޯފެން ފުޅި އާއި ލުއިބުއިންތައް ހުސްކުރި ފުޅިތަކުގައި ތަފާތު ބުއިންތަކާއި ކާބޯތަކެތި ބަންދުކޮށްގެން ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. ޚާއްސަކޮށް ބާޒާރުގައި ވިއްކާ ކުރުނބާ ފެނާއި އެކި ބާވަތްތަކުގެ ޖޫސްތައް މިފަދަ ފުޅިތަކުގައި ބަންދުކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފަ އެވެ. “ވީމާ ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕީއީޓީ ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އަންގަމެވެ،” އެ އޮތޯރަޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި އާންމު ގޮތެއްގައި ގޭގޭގައި ވެސް ޖޫސް ފަދަ ތަކެތި އަޅައިގެން ބޯން ބޭނުންކުރުމަށް މިފަދަ ފުޅިތައް ތަކުރާރުކޮށް ބޭނުންކުރެ އެވެ. ނަމަވެސް، މިއީ ސިއްހީ ގޮތުން ރައްކާތެރި އާދައަކަށް ނުވާތީ، އާންމުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެފަދަ ފުޅިތައް އުކާލުމަށާއި، ކާބޯތަކެތި ރައްކާކުރުމަށް އެކަމަށް ޚާއްސަކޮށްފައިވާ ރައްކާތެރި ތަކެތި ބޭނުންކުރުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދުދެ އެވެ.



