މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، މާލޭގެ 21 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވިލިމާލޭގެ 3 މިސްކިތަކާއި، ހުޅުމާލެ ފޭސް 1 ގެ 6 މިސްކިތެއްގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ 5 މިސްކިތެއްގައި ވެސް ދަމުނަމާދު ކުރިއަށްދާނެއެވެ.
ދަމުނަމާދުގެ އިތުރުން، ފަހު ދިހައެއްގައި އިއުތިކާފަށް ތިބެން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން މާލެ ސަރަހައްދުގެ 25 މިސްކިތެއް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި، ވިލިމާލޭގެ އެއް މިސްކިތުގެ އިތުރުން ހުޅުމާލޭގެ 8 މިސްކިތެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ހަރަކާތްތައް ކުރިއަށްވުރެ ފުޅާކޮށް ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން މީގެ ކުރިން މާލޭގައި އެކަނި ބާއްވަމުން އައި އިހްޔާ ފޯރަމްތައް މިއަހަރު އަތޮޅުތެރޭގެ ބޮޑެތި ސިޓީތަކާއި ރަށްތަކުގައި ވެސް އަންނަނީ ބާއްވަމުންނެވެ.
އަތޮޅުތެރޭގައި އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ރ. އުނގޫފާރު ހިމެނެއެވެ. މިއީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.



