ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވީ ނަމަވެސް، އާންމުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ހިދުމަތް ދޭނެ ހާއްސަ ގަޑިތަކެއް ކަނޑައަޅައިފިއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، “އިމުގަ” ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު އާންމުންނަށް ލިބިގެންދާނެއެވެ.
ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތަށް ބަލާއިރު، މާލެ އާއި ހުޅުމާލޭގައި “ކިއުބީ” އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރު 13:00 އަށެވެ. ހުކުރު ދުވަހު ނަންބަރު ދޫކުރާނީ ހެނދުނު 9:15 އިން 11:00 އަށެވެ. އައްޑޫ ސިޓީގައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރު 12:00 އަށް ޕާސްޕޯޓު ދޫކުރާއިރު، އަތޮޅުތަކުގެ އެހެން ސިޓީތަކާއި ރަށްތަކުގައި މި ހިދުމަތް ދިނުމަށް ވަނީ ވަކި ހާއްސަ ތާރީޚުތަކެއް ކަނޑައަޅާފައެވެ. ކުއްލި ހާލަތްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 އަށް ގުޅުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.
ވިސާގެ ހިދުމަތްތަކަށް ބަލާއިރު، އިމުގަ ޕޯޓަލް މެދުވެރިކޮށް އީ-ވިސާ އަށް އެދި ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މާލޭގައި ހުންނަ އިމިގްރޭޝަންގެ މައި އޮފީސް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00 އަށް ހުޅުވާފައި ހުންނާނެއެވެ. އަދި އިމިގްރޭޝަން އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ހިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް އާންމުންނަށް ލިބިގެންދާނެއެވެ.
ކަނޑު ދަތުރުފަތުރުގެ ހިދުމަތްތަކާ ގުޅޭ ސީޕޯޓްގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ފަތިހު 5:00 އިން ފެށިގެން އެކި ގަޑިތަކުގައި ހިދުމަތް ދޭއިރު، ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރުފަހު 14:30 އިން ފެށިގެންނެވެ. އަތޮޅުތަކުގެ ސީޕޯޓުތައް ކަމަށްވާ ކުޅުދުއްފުށި، އުލިގަން އަދި ހިތަދޫ އިން މި މުއްދަތުގައި ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.



