“ޢީދު ހަވީރު 1447” ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރާ ގޮތަށް ނިންމަވައިފި
ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ގޮތުން، ކުރީ އަަހަރުތަކެކޭ އެއްފަދައިން ”ޢީދު ހަވީރު 1447” ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާގޮތަށް ނިންމަވައިފިއެވެ. މިއަހަރުގެ ފިޠުރު ޢީދުގެ މުނާޞަބަތުގައި ޢީދު ދުވަހުން ފެށިގެން ތިން ދުވަހު ”ޢީދު ހަވީރު 1447” އޮންނާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ “ޢީދު ހަވީރު 1447″ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. “ޢީދު ހަވީރު 1447″ގެ ހަރަކާތްތައް ފެށިގެންދާނީ ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.
ޢީދު ހަވީރަށް އާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުޙީބަށް ބަލާ، މިފަހަރު “ޢީދު ހަވީރު 1447” ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ. އަދި މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި “ޢީދު ހަވީރު 1447” ގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ޢީދު ހަވީރުގެ ޙަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކް ފިޠުރު ޢީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން ވެސް އޮންނާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެންނެވެ. “ޢީދު ހަވީރު 1447” ގައި އެމްއެންޑީއެފްގެ ޚާއްޞަ ހަރަކާތްތަކެއް ވެސް އޮންނާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.



