މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ. މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވާ ވަގުތުތަކަށް ބަލާއިރު މިއަދާއި މާދަމާ ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެ އެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެ އެވެ. އަދި މި ދެ ދުވަހުގެ މެންދުރު ފަހު 13:00 އިން 15:00 އަށް ވެސް ޒަކާތް ދެއްކޭނެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ޒަކާތު ހައުސްއިން އަންނަނީ އޮންލައިންކޮށް، ހަތް ޕްލެޓުފޯމެއް މެދުވެރިކޮށް ޒަކާތް ބަލައިގަންނަމުންނެވެ.



