ޒިކުރާ މިސްކިތް މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
ދިވެހިން ހައްޖަށާއި އުމްރާ އަށް ގެންދިއުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ސިސިލްފަރު ގުރޫޕްގެ ވެރިޔާ މުހައްމަދުފުޅުގެ އަމިއްލަ ހަރަދުގައި އިމާރާތްކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މުހައްމަދުފުޅުގެ އާއިލާގެ ފަރާތުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެއްކަމަށެވެ. އެގޮތުން މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރަން ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި މިސްކިތް ވެގެންދާނީ މާލެ ސަރަހައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މަޖީދީ މަގުން ހުދުމާ ފިހާރަ ކައިރީގައި ހުންނަ ޒިކުރާ މިސްކިތުގެ ބިމުގައި އިމާރާތްކުރާ 1500 މީހުންގެ ޖާގައިގެ އާ މިސްކިތުގެ މަސައްކަތް މި ރޯދަމަސް ނިމުމާ އެކު ފަށާނެ އެވެ.



