ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ މުއްދަތުތައް ކައިރިވެ، އިންތިހާބުތައް ގިނަވުމަކީ ގައުމުގެ ހަމަޖެހުމަށާއި ތަރައްގީއަށް އޮތް ވަރަށް ބޮޑު ހުރަހެއްކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. އާޒިމާ މިހެން ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އާޒިމާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ތިން އިންތިހާބު ބޭއްވުމަކީ ދައުލަތަށް ނުއުފުލޭ ފަދަ ބޮޑު މާލީ ބުރައެކެވެ. އަދި 2017 ވަނަ އަހަރު ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީއާއި ސިންގަޕޫރު ސަރުކާރު ގުޅިގެން ހެދި ދިރާސާއަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މެދުކެނޑުމެއްނެތި އަންނަ އިންތިޚާބުތަކުގެ ސައިކަލްކަން އެ ރިޕޯޓުން ސާފުވާ ކަމަށެވެ.
އިންތިހާބުތަކުގެ ސަބަބުން ސިޔާސީ މަސްރަހަށް އަންނަ ލޮޅުންތަކަށް އަލިއަޅުއްވާލައްވަމުން އާޒިމާ ވިދާޅުވީ، ދެ އިންތިހާބެއްގެ ދޭތެރޭގައި ދެ އަހަރުވެސް ހަމައަށް ނުލިބޭއިރު، އޭގެ ދޮޅު އަހަރު ކުރިން ޕާޓީތަކުގެ ޕްރައިމަރީތައް ފެށޭ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނާއި، ދަރިވަރުންނާއި، ދައުލަތް ހިންގުމުގެ ނިޒާމު އަބަދު އޮންނަން ޖެހެނީ ސިޔާސީ ކޯޅުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ގަވަނަންސްގެ ނަޒަރަކުން ބަލާއިރު، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި ހަމަޖެހުން ބޭނުންވާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ބާއްވާ އިންތިހާބުތައް މަދުކުރުމަކީ ހަމައެކަނި ގާނޫނީ ކަމެއް ނޫން ކަމަށާއި، އެއީ ގައުމުގެ ކުރިއެރުމާއި އިސްރާފު ކުޑަކުރުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މުހިންމު ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.



