ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ފެންނަން ނެތް ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިފަދައިން ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ދައުލަތުގެ މީޑިއާއިން ގެނެސްދޭ “ހޭލުން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ހާއްސަ މަޖިލީހުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ރިޔާޒު ވިދާޅުވީ، އައު ގާނޫނު އަސާސީ އެކުލަވާލި އިރުވެސް ގައުމީ ވިސްނުމެއްގައި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށް ގިނަ އިސްލާހުތަކެއް ހުށަހެޅުނު ކަމަށެވެ. އަދި އޭރުވެސް އެންމެ ރަނގަޅު ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ނިންމައި، އެކަމަށް ތާއީދުކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރިޔާޒު ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ލިބޭނެ ހަމައެކަނި އުނިކަމަކީ އެއްވެސް ބަޔަކު އެބައެއްގެ ދައުރު ހަމަނުކޮށް އައު އިންތިހާބަކާ ކުރިމަތިލާން ބޭނުން ނުވުން ކަމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި މީގެން ނުކުންނާނީ ރަނގަޅު ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
“ފާޑުކިޔާ ބަޔަކު ފާޑުކީ ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނޯންނާނެ. ތީގެން ނުކުންނާނީ ރަނގަޅެއް،” ރިޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން، މިއަދު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަކީ މީގެ ކުރިން ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުން ކަމަށް ރިޔާޒު ފާހަގަކުރެއްވި އެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ނުވަތަ އޮތް ގޯހެއް އިދިކޮޅު ފަރާތްތަކަށް ބުނެދެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދައުލަތަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ، މިއީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.



