މާލޭ މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ “ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް” ގެ ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ސިފައިންގެ މީހަކަށް އަނިޔާވެ، ގިނަ އަދަދެއްގެ މުދަލާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 21:57 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އެމް.އެން.ޑީ.އެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ.
އަލިފާން ރޯވި ގުދަނަކީ ގަސްކާނާއާއި، ޕެސްޓިސައިޑްސްގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަފާތު ސާމާނު ރައްކާކޮށްފައި ހުރި ތަނެކެވެ. މި ހާދިސާގައި ގުދަނާއި އެތަނުގައި ހުރި މުދާ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، ގުދަން ކައިރީގައި ޕާކުކޮށްފައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ނުރައްކާތެރި ދުމުގެ އަސަރު ކޮށްފާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. ފުލުހުން މިހާރު ގެންދަނީ ހާދިސާ ހިނގި ސަރަހައްދު ބަލައި ފާސްކޮށް، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ހާއްސަ ތަހުގީގެއް ހިންގަމުންނެވެ.



