ޒަމާނީ ފެންވަރަށް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި އެ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދުގައި މަސައްކަތްކުރުމަށް ޓަކައި، ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ސެގްމެންޓް 2 އިން ފެށިގެން ސެގްމެންޓް 5 އާ ހަމައަށްވާ ސަރަހައްދުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި މަސައްކަތްތައް ކުރިއަށްދާ ވަގުތު އާންމު ދަތުރުފަތުރަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ރޭ 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ސަރަހައްދުގައި މަސައްކަތް ފަށަން ހަމަޖެހިފައިވަނީ މިއަދެވެ. އެހެންވެ ފުލުހުން ވަނީ، މަސައްކަތް ނިމެންދެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައެވެ.
އެކަން ހާމަކޮށް ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ބަންދުވާނެއެވެ. އެހެންކަމުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހާ އުޅަނދުތައް، އެ ސަރަހައްދުން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ.



