މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުން ފެށިގެން ހުޅުވައިލާނެކަން، ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ބުދަ ދުވަހުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށެވެ.
މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސް އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށް ކަމަށް، ރައީސް އޮފީހުން ބުންޏެވެ. އިނާމަށް އެދި ފޯމު ހުށަހަޅާއިރު ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ޤައުމީ އިނާމަށް މިއަހަރު ވެސް ހުޅުވާލުމަށް ނިންމާފައިވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސާފަ އެވެ.
ޤައުމީ އިނާމު ދެއްވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.



