ރާއްޖޭގައި އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި، އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރަމުންދާ ބިލް މިހާރު އޮތީ ފަހުގެ މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެ އަކީ ސައްތަ އިން ސައްތަ މުސްލިމު ގައުމަކަށްވާތީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ. އެހެންވެ ރާއްޖޭގައި އެކަން ކުރަން ޖެހޭ ކަމަށާއި އެކަން ކުރުމާއި ނުކުރުން އެއީ ގައުމުގެ ވެރިމީހާ އަށް ވެސް ލިބިދޭ އިހުތިޔާރެއް ނޫން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލްގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅާނެއެވެ.
“މިއީ އަޅުގަނޑު ހިތުން އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމްކުރަން ކުރަންޖެހޭ ކަމެއް،” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އިރު، ވަކި މިންވަރަކަށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަބަދު ދޭން ވެސް ދާދި ފަހުން ގާނޫނުން ވަނީ ކަނޑަޅައިފަ އެވެ.



