އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ ސްޓޯރޭޖު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ ޕްރޮޖެކްޓު ނިމުމުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް ގޭހުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ބެލެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަމީރު ވިދާޅުވީ، ރާއްޖެއަށް ހަގީގަތުގައި ގޭހުގެ މާ ބޮޑު އުނދަގޫތަކެއް ނުވާ ކަމަށެވެ. އެގޮތުން ރާއްޖެއާއި ބަންގްލަދޭޝްއާއި ލަންކާއަށް ވެސް ގޭސް ސަޕްލައި ކުރަނީ އެއް ބަޔެއް ކަމަށާއި، މި ސަރަހްދުގައި ގޭސް އެއް ގައުމުން އަނެއް ގައުމަށް ގެންދަނީ ކަނޑުމަތީގައި އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގޭސް ރައްކާ ކުރުމާ ގުޅޭ ޕްރޮޖެކްޓުގެ ޕްރޮކިއުމަންޓު މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ޕްރޮޖެޓު މި އަހަރުގެ ނިޔަލަށް ނިންމަން ތާވަލު ކޮށްފައިވާއިރު، އޭރުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް މޯލްޑިވް ގޭހުން، ގޭސް ސްޓޯރު ކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
“އޭރު އަޅުގަނޑުމެންނަށް ދެ މަހާއި ބައިގެ ސްޓޮކް ގެންގުޅެވޭނެ މާލެ ސަރަހައްދުގައި،” ޒަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެސްޓީއޯއަށް މިހާރު ރައްކާ ކުރެވެނީ 1،000 ޓަނުގެ ގޭސް ކަމަށެވެ.



