ސަރުކާރުގެ “ބިންވެރިޔާ” ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތުގެ ފުރަތަމަ ދުވަހު އެކަނިވެސް ޖުމްލަ 11 ފަރާތަކަށް ވަނީ ބިން ޙަވާލުކޮށްފައެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ ކުރިން މި މަސައްކަތް އެކި ސަބަބުތަކާހުރެ ހުއްޓިފައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ އެމްއޭސިއެލްއާ ޙަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާފައެވެ. މި ސަރަޙައްދުން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބިން ދޫކުރުމުގެ މަސައްކަތާ ގުޅޭގޮތުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، އަމާޒަކީ އަންނަ މަހުގެ 15 ގެ ކުރިން ހުރިހާ ފަރާތްތަކަށް ބިން ޙަވާލުކޮށް ނިންމުން ކަމަށެވެ.
މިނިސްޓްރީން ހާމަކުރި ތަފްޞީލުތަކަށް ބަލާއިރު، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިއަދާ ހަމައަށް 337 ފަރާތަކަށް ވަނީ ރަޖިސްޓްރީ ޙަވާލުކޮށްފައެވެ. މި ސަރަޙައްދުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1650 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ އެކި ސައިޒުގެ ގޯތިތައް ހިމެނެއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތުލުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ބިން ޙަވާލުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މިއީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ދެކެއެވެ.



