ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އެކަމަށް ތާއީދުކުރައްވައިފިއެވެ. އަކުރަމް މިކަން ހާމަކުރެއްވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ރެފަރެންޑަމްއަށް ތާއީދުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދެ އިންތިޚާބު އެއްކޮށްލުމުން ރައްޔިތުންނަށް ލިބޭނެ ހަ ފައިދާއެއް އަކުރަމް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުން މަޖިލިސް ހޯދުމަށް ކުރާ ފޯކަސް ކުޑަވުމުން ނުފޫޒުން އެއްކިބާވެ، ރައްޔިތުން ބޭނުންވާ މަޖިލީހެއް ހޮވުމަށް މަގުފަހިވުން ހިމެނެއެވެ. އަދި ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްކަން ނޭނގި ވޯޓުލާން ޖެހުމުން، ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު މީހަކު ހޮވަން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަކުރަމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަ އިންތިޚާބުތަކެއް ބޭއްވުމުގެ ސަބަބުން ސަރުކާރުގެ އަމާޒުތައް ބަދަލުވާން ޖެހޭ ޖެހުން ނިމުމަކަށް އައިސް، ސަރުކާރުގެ މައިގަނޑު މަސައްކަތްތަކަށް ހުސްވާނެ މާހައުލެއް ގާއިމުވާނެއެވެ. މީގެ އިތުރުން، އިންތިޚާބުތަކަށް ދައުލަތުންނާއި ސިޔާސީ ޕާޓީތަކުން ކުރާ ހޭދަ ކުޑަވެ، އިންތިޚާބާ ދިމާކޮށް ވަޒީފާ އިތުރުކުރާ ނިސްބަތް ވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެންމެ މުހިންމު އިންތިޚާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ،” އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ކަމާލުއްދީނަކީ އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅަކަށް ވާއިރު، މިހާތަނަށް ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރަސްމީކޮށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީންކަން ފާހަގަކޮށްލެވެއެވެ.



