ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މަޑަވެލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، އެމްޓީސީސީގެ އިސް ބޭފުޅުންގެ އިތުރުން ދާއިރާގެ މެމްބަރާއި ރަށު ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފޭސް އަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގެ ދަށުން 8.85 ހެކްޓަރުގެ ބިން ހިއްކުމާއި، ބޮޑު ހިލައާއި ޖިއޯބޭގް ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ. ދެވަނަ ފޭސްގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކުމާއި 1,645 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ފޭސްގެ މަސައްކަތަށް ޖުމްލަ 252 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެކެވެ. 2,000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށަކީ ޒަމާނުއްސުރެ ބިމުގެ ދަތިކަން އިންތިހާއަށް އޮތް ރަށެކެވެ. މި މަޝްރޫއު ނިމުމުން ރަށުގެ ބިމުގެ ފަސްބައި ބޮޑުވެ، ގެދޮރުވެރިކަމަށް ބޭނުންވާ ބިން ލިބިގެންދާނެއެވެ.
ބިން ހިއްކުމުގެ އިތުރުން، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއެކު ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭނެއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަސައްކަތްތައް ނިމުމުން އުދައެރުމުގެ ސަބަބުން ރަށަށް ލިބޭ ގެއްލުންތައް ކުޑަވެ، ރަށުގެ ތިމާވެށި ހިމާޔަތް ކުރެވިގެންދާނެއެވެ.



