ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 7،900 ފްލެޓުގެ ތެރެއިން 100 ފްލެޓު ވަނީ މި ކެޓެގަރީއަށް ހާއްސަކޮށްފައެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، މި ކެޓެގަރީގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފްލެޓަށް އެދި ފޯމު ހުށަހަޅަން ޖެހެނީ ސަރުކާރުގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.
މި ކެޓެގަރީއަށް ކުރިމަތިލެވޭނެ އުސޫލުތަކުގެ ތެރޭގައި، މާލޭ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން، ރަށުގައި ތިބެގެން ފަރުވާ ހޯދޭނެ ގޮތެއް ނެތް މީހުންނަށް ވެސް ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވޭތުވެދިޔަ އެއް އަހަރު ދުވަހު ފަރުވާ ހޯދާފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ވަނީ މި ކެޓެގަރީއަށް ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ އުސޫލާއި ޝަރުތުތައް ވެސް މިހާރު އާންމުކޮށްފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތެއްގެ ދަށުން ހުޅުވާލި ފުރުސަތެކެވެ.



