ހުޅުމާލެއިން އުޞޫލާއި ޚިލާފަށް ޕާކިންގ ސްލޮޓު ދޫކުރަމުންދާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ޚަބަރުތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ. އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ޕާކިންގ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށެވެ.
އެޗްޑީސީން ބުނިގޮތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިންގ ދޫކުރުމަށްޓަކައި އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ. އަދި މި ފުރުޞަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކުގެ ލިސްޓުވެސް އާންމުކޮށް ފެންނާނެހެން ޝާއިޢުކޮށްފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ހާމަކަން ބޮޑު ގޮތެއްގައި ޕާކިންގ ސްލޮޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް މި މަސައްކަތް ކުރާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތުތަކާމެދު އެޗްޑީސީން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކޯޕަރޭޝަނުން ބުނީ މިއީ ކޯޕަރޭޝަންގެ އިތުބާރު ގެއްލޭގޮތަށް ފަތުރާ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އެޗްޑީސީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިފަދަ ހަޤީގަތާއި ޚިލާފު މައުލޫމާތު ޢާއްމުކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި މިފަދަ އަމަލުތައް އެ ކޯޕަރޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހުޅުމާލޭގެ ޕާކިންގ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިންކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ އާންމުންނަށް ދީފައެވެ.



