މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރެފަރެންޑަމްގައި ވޯޓުލާން ފެށިތާ ފުރަތަމަ ހަތަރު ގަޑިއިރުގެ ތެރޭގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 21.05 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ 62،083 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 33,245 ފިރިހެނުންނާއި 28,833 އަންހެނުންނެވެ.


މި އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 294,876 މީހުންނަށް ލިބިގެންވެއެވެ. އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތަށް ބަލާއިރު، ބައެއް ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކުގައި ބޮޑެތި ކިއުތައް ހަދާފައިވާކަން ފާހަގަކުރެވެއެވެ.
މިއަދުގެ އިންތިހާބަކީ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވޭ އިންތިހާބަކަށްވާއިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ ގަޑިން ގަޑިއަށް ވޯޓުލާ މީހުންގެ އަދަދުތައް ހާމަކުރަމުންނެވެ.



