ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށާއި، އިންތިޚާބުތަކުގެ ނަތީޖާއަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ފަހި ފުރުޞަތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ އިންތިޚާބުތައް ކާމިޔާބުވުމާއި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ. އަދި މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ޝިޔާމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށެވެ.
“މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް. މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި،” މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް މިނިސްޓަރު ވަނީ މަރުޙަބާ ދަންނަވާފައެވެ. ހަމައެއާއެކު، އިންތިޚާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ ޓީމުތަކުން ކުރެއްވި މަސައްކަތާއި ދެއްކެވި ހިތްވަރަށް ޝިޔާމް ވަނީ ސާބަސް ދެއްވާފައެވެ.
މީގެއިތުރުން، އިންތިޚާބު ކާމިޔާބުކަމާއެކު ނިންމާލުމަށް އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން، ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ދެއްކެވި އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއަށް މިނިސްޓަރު ޝިޔާމް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.



