ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުގެ އަދަދު ދަށްވެ، “ސީޓް އޮކިއުޕެންސީ” އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
ފަތުރުވެރިކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހަނގުރާމައިގެ މި ހާލަތުގައިވެސް ރާއްޖޭގެ ޑިމާންޑް ދަށް ނުވާކަމަށެވެ. އެގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ނިސްބަތުން ދަށް ކަމުގައިވީނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ސީޓް އޮކިއުޕަންސީ އިތުރުވަމުންދާކަމީ ހެޔޮ ފާލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މާލީ ވުޒާރާއިން އިޢުލާންކުރެއްވި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި ކޮމިޓީގެ ޗެއަރ ވަނީ، ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުއްވުމަށް ގަސްދުކުރައްވާފައިވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް ބައްލަވައިގެން ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، އެއްވެސް ކޮންފްލިކްޓް ޒޯނަކަށް ދާ އުޅަނދަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް، މިހާތަނަށް ހުއްދަ ދެއްވާފައި ނުވާނޭ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހުއްދައެއް ނުދެއްވާނޭކަމަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
މި ކޮމިޓީގެ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި، އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ކޮމިޓީން ފާހަގަކުރެއްވިއެވެ. އަދި މި ދަނޑިވަޅުގައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ސިނާޢަތްތައް ތަމްސީލުކުރައްވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުން، ގުޅިގެން، އެކުގައި ކުރައްވާ މަސައްކަތްތައްވެސް ކޮމިޓީން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.



