އިސްރާއީލުގެ އޮފިޝަލުންތަކެއް އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތް މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި އެ މިސްކިތުގެ މުގައްދަސްކަމާއި ގާނޫނީ ހައިސިއްޔަތު ނަގާލުމަށް ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ކުރިމަތިކުރި ވަރަށް ބޮޑު އިހާނެތްތެރި ކަމެކެވެ. އަދި އަލްއަޤްޞާ މިސްކިތަށް ވަނުން ހަނިކުރުމާއި، ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ‘ސްޓޭޓަސް ކޯ’ ނުވަތަ އޮތް ހާލަތު ދެމެހެއްޓުމަށް ގޮވާލާފައެވެ. މީގެ އިތުރުން، އިޒްރޭލުން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ.
ބަޔާން ނިންމާލަމުން ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.



