ކުރީގެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިސްލާހު ގެނެސްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ އެ ގަވާއިދަށް ގެނައި 8 ވަނަ އިސްލާހަކީ ގަވައިދުގެ 4 ވަނަ މާއްދާގައި ހިމެނޭ ރަޖިސްޓަރީކުރުމުގެ ބައިގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ.
އަލަށް އިތުރުކުރި އަކުރުގައި ބުނެފައިވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި އެހެން އުޅަނދެއް އެ ވިޔަފާރީގެ ނަމުގައި ރަޖިސްޓަރީކުރަން ބޭނުންވެއްޖެ ނަމަ، އިތުރު ލިޔެކިޔުން ހުށަހެޅުމަކާ ނުލާ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނެ ކަމަށެވެ.
ނަމަވެސް މިގޮތަށް އާ އުޅަނދެއް ރަޖިސްޓަރީ ކޮށްދޭނީ އެ ވިޔަފާރިއަކުން ކުރިން ބޭނުންކުރަމުން އައި އުޅަނދު ނައްތާލުމަށް ފަހުގައެވެ. މީގެ އިތުރުން، ނައްތާލެވޭ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އާ އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތުގައި، އެކަމަށް ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.



