ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑިން ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 06:30 އެހައިކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން އެ މީހާ ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ވަގުތުން ފަށާފައެވެ.
ގެއްލުނު މީހާ ފެނިފައިވަނީ ހޯދަމުން ދަނިކޮށް މިއަދު ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



