ޒުވާނުން ބާރުވެރިކުރުވައި، އިޖުތިމާއީ ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާނެ ޖީލެއް ބިނާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ހިންގޭ މުހިންމު ހަރަކާތެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ބޭއްވޭ ތަފާތު ތަމްރީނު ސެމިނާރުތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން އިތުރަށް ބުނިގޮތުގައި މީގެ މައިގަނޑު މަގުސަދަކީ ކަންކަމަށް ކުރިމަތިލާން ކެރޭ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމާއި، ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތަކާއި މަޝްރޫއުތައް އިސްވެ ހިންގުމުގެ ގާބިލުކަން ޒުވާނުންގެ ކިބައިގައި އުފެއްދުމެވެ.
މި ޕްރޮގުރާމާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 4000416 ނުވަތަ 4000567 ނަމްބަރަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.



