ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސަރވިސްގެ ޤަވާއިދު އިސްލާހުކޮށްފިއެވެ. .
ސިވިލް ސަރވިސް ޤަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ފޮސްޓަރ ކުރާ ކުއްޖާއާ ހަވާލުވާއިރު އެ ކުއްޖާގެ އުމުރުން 6 މަސްދުވަސް ނުފުރޭނަމަ، ކުއްޖާއަށް 6 މަސް ފުރެންދެން މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޗުއްޓީ ލިބޭނެއެވެ. އަދި ކުއްޖާގެ އުމުރުން 6 މަސް ފުރިފައިވާނަމަ ނުވަތަ 6 މަސް ފުރެން އޮތީ 30 ދުވަހަށް ވުރެ ކުރު މުއްދަތެއް ނަމަ، މުސާރައާއެކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މި ޗުއްޓީގެ ފުރުޞަތު ލިބޭނީ ފޮސްޓަރ ނިޒާމުގެ ދަށުން ކުދިންނާ ހަވާލުވާ މުވައްޒަފުންގެ އިތުރުން، އިހުމާލުގެ ސަބަބުން ދައުލަތަށް ނަގާފައިވާ ކުދިން ބެލެހެއްޓުމާ ދައުލަތުން ހަވާލުކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށެވެ.
އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މީގެ ކުރިން ވިދާޅުވެފައިވަނީ، “ޓެމްޕަރަރީ ފޮސްޓަރިން” ގެ ދަށުން ކުދިން ބަލާ އާއިލާތަކުގެ ތެރެއިން މާލީ ދަތިކަން ހުރި އާއިލާތަކަށް ކޮންމެ ކުއްޖަކަށް 5000 ރުފިޔާގެ އެލަވަންސެއް ދައުލަތުން ހަމަޖައްސައިދޭނެ ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު، ވިހެއުމުގެ ޗުއްޓީ ނިންމައި ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ވަގުތު ދޭންޖެހޭނެއެވެ. އެގޮތުން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރު، ކޮންމެ ފަހަރަކު 30 މިނެޓުގެ ހުސްވަގުތުކޮޅެއް މުވައްޒަފަށް ދިނުން މިހާރު ވަނީ ލާޒިމްކޮށްފައެވެ. ކުރިން މި ފުރުޞަތު އޮންނަނީ ދަރިފުޅަށް 1 އަހަރު ފުރެންދެންނެވެ.



