މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19 އިންސައްތަ އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް 13.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 16.2 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ބާޒާރުގެ ޑިމާންޑަށް ބަލާއިރު ލިބުނު ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް މުދާ ގެނައުމުގައި ދިމާވެފައިވާ ދަތިތަކަށް ސަރުކާރުން ހައްލު ހޯދަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސްްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް މިހާރު ރާއްޖެއަށް ގެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ލަންކާގައި ހުރި 4,241 ކޮންޓެއިނަރުގެ ތެރެއިން، މި ހަފްތާގެ ދަތުރުތަކަށްފަހު އެ އަދަދު 1,741 އަށް ދަށްވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތިން މަސްދުވަހަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ގެނައުމުގެ ޝެޑިއުލް ދަތުރުތައްވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މާލޭ ބަނދަރުގެ ހާލަތު މިހާރު އާންމު ހާލަތަކަށް ބަދަލުވަމުން އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިވަގުތުވެސް ބަނދަރުގައި އޮތް ބޯޓެއްގައި 1,200 ކޮންޓެއިނަރު އެބަހުރި ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އިތުރު 2,500 ކޮންޓެއިނަރު ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.
“މި ހަފްތާގެ ތެރޭގައި، އެޕްރީލް 12 ގައި 500 ކޮންޓެއިނަރު، 13 ގައި 500 ކޮންޓެއިނަރު އަދި 14 ވަނަ ދުވަހު 1,500 ކޮންޓެއިނަރު ރާއްޖެއަށް އަންނާނެ،” ވަޒީރު ސަޢީދު ވިދާޅުވިއެވެ.



