އިސްރާއީލާއި ލުބުނާނުގެ އިސްވެރިން 34 އަހަރުގެ މެދުކެނޑުމަކަށްފަހު، ބުރާސްފަތި ދުވަހު ފުރަތަމަ ފަހަރަށް ފޯނުން ވާހަކަދައްކަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ވޮޝިންޓަންގައި ދެ ޤައުމުގެ މަންދޫބުންގެ މެދުގައި މަދުން ނޫނީ ނުފެންނަ ފަދަ ސީދާ މަޝްވަރާތަކެއް ބޭއްވިތާ އެއްދުވަސް ފަހުންނެވެ.
ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘ޓްރުތް ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލާއި ލުބުނާނާ ދެމެދު އޮތް ނުތަނަވަސްކަމަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
“ދެ ޤައުމުގެ ވެރިން ވާހަކަނުދައްކަވާތާ 34 އަހަރު ފަދަ ދިގު މުއްދަތެއް ވެއްޖެ. މާދަމާ އެކަން ހިނގާނެ،” ޓްރަމްޕް ލިޔުއްވާފައިވެއެވެ. ނަމަވެސް މި މަޝްވަރާތަކުގައި ބައިވެރިވާނީ ސީދާ ކޮން ބޭފުޅުންނެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ލުބުނާނުގެ މަސްރަޙު ގޯސްވެފައިވަނީ މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހިޒްބުالله އިން އިސްރާއީލަށް ދޭންފެށި ޙަމަލާތަކާ ގުޅިގެންނެވެ. ހިޒްބުالله އިން ބުނާ ގޮތުގައި މިއީ އީރާނުގެ ރޫޙީ މާލިމީ އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވަމުންދާތީ ދޭ ޙަމަލާތަކެކެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ލުބުނާނުގެ ދެކުނުގައި ކުރިއަށްގެންދާ އެއްގަމު މަގުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހިޒްބުالله ހަތިޔާރު އެޅުން ހުއްޓުވައި، ދާއިމީ ސުލްޙައެއް ޤާއިމުކުރުމަށް ލުބުނާނު ސަރުކާރާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
ލުބުނާނު ސަރުކާރުން ބޭނުންވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ފޭބުމަށެވެ. ނަމަވެސް އިސްރާއީލުން މަސައްކަތް ކުރަމުންދަނީ ލުބުނާނުގެ ސަރަޙައްދުން ބައެއް ހިފައި، ‘ބަފަރ ޒޯން’ އެއް ހެދުމަށެވެ. މި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ 1.2 މިލިއަން މީހުންނަށް އަނބުރާ ގެދޮރަށް ދެވޭނެ ދުވަހަކާމެދު އަދިވެސް ވަނީ ސުވާލު އުފެދިފައެވެ.



