އަތޮޅު ކައުންސިލްތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލި ނަމަވެސް، ޤާނޫނީ ގޮތުން އެއްވެސް ހުސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފިއެވެ. އެލްޖީއޭއިން މިކަން ހާމަކުރީ އެ ވުޒާރާ އުވާލުމުން ޤާނޫނީ ހުސްކަމެއް އަތުވެދާނެ ކަމަށް ބުނެ މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެލްޖީއޭއިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނީ ގޮތުން އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށްވެސް އެލްޖީއޭއިން ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ހަވާލާދީ އެލްޖީއޭއިން ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވިގެންދާއިރު އެ ތަންތަނުން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތަކާއި، ވަސީލަތްތަކާއި، މުދާ އަދި ޤާނޫނީ ޒިންމާތަކާ ހަވާލުވާނީ އެލްޖީއޭއިން ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެލްޖީއޭގެ އޮފީސްތައް ޤާއިމްކުރުމުގެ އިޙްތިޔާރު ޤާނޫނުން އެ އިދާރާއަށް ލިބިދީފައިވާކަން އެލްޖީއޭއިން ބަޔާންކުރެއެވެ.
“އަތޮޅު ކައުންސިލްތައް އުވާލާ އެ ތަންތަނުން އަދާކުރަމުންދިޔަ ޤާނޫނީ މަސްއޫލިއްޔަތު އެލްޖީއޭގެ ދަށަށް ބަދަލުވާނެ. އެހެންކަމުން ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ޤާނޫނީ އެއްވެސް ހުސްކަމެއް އަންނާނެ ކަމަށް ނުދެކެން،” އެލްޖީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވުމުން، އެ ތަންތަން ބަދަލުވެގެންދާނީ އެލްޖީއޭގެ ދަށުން ހިންގާ އޮފީސްތަކަށެވެ. މީގެ ސަބަބުން މިހާރު ތިބި މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެ، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ މައިގަނޑު މަގުސަދަކީ، ރަށު ކައުންސިލްތަކާއި ސަރުކާރާ ދެމެދު ހުރި އިދާރީ ހުރަސްތައް ނައްތާލައި، ރައްޔިތުންނަށް ދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކުރުމެވެ.



