ސ. ހިތަދޫ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އަންނައުނާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ތަކެތި ހޯދާފައިވަނީ އިއްޔެ ރޭ ހިތަދޫ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ރިޕޯޓްކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ފުލުހުން ވަނީ ވަގަށް ނަގާފައިވާ ގިނަ ތަކެތި ހޯދައިފައެވެ.
ފުލުހުން ހޯދި ތަކެތީގެ ތެރޭގައި ޖީންސްތަކަކާއި، ސެންޓްފުޅިތަކެއްގެ އިތުރުން ފޯނަކާއި، އިއަރބަޑެއް އަދި ޗާޖަރުތަކެއް ހިމެނެއެވެ. މީގެ އިތުރުން އަތުކުރީ ގަޑިއަކާއި ބޮލުގައި ލާ ޖެލް ޓިއުބެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ.
މި ހުރިހާ ތަކެއްޗެއް މިހާރު ވަނީ އޭގެ ވެރިފަރާތާ ރޭގެ ވަގުތެއްގައި ހަވާލުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



