ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ބުނީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމުތަކެއް ލިބުނު، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ ދަންވަރު 1:08 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާއަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓައެވެ. އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެއެވެ.
މިއަދު ފުލުހުން ބުނީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ މައްސަލައިގައި ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



