ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 160 އަށްވުރެ ގިނަ މީހުންނާ އެމީހުންގެ ބިންތައް ރަސްމީކޮށް ހަވާލުކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. ސަރުކާރުން މިހާރު ކުރިއަށްގެންދަނީ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރުމާއި، ރަޖިސްޓްރީ ދޫކުރުމުގެ އިތުރުން އަމަލީގޮތުން ބިން ހަވާލުކުރުމުގެ މަސައްކަތެވެ.
ގުޅީފަޅުން ޖުމްލަ 2،438 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާއިރު، މި ސްކީމުގެ ދަށުން 1250 އަކަފޫޓާއި 3650 އަކަފޫޓާ ދެމެދުގެ ހަތް ސައިޒެއްގެ ބިން ދޫކުރާނެއެވެ. މީގެ ތެރޭގައި ގިރާވަރުފަޅުން ކުރިން ބިން ލިބި، ފަހުން ގުޅީފަޅަށް ބަދަލުކުރި ފަރާތްތަކުގެ ގޯތިތައްވެސް ހިމެނެއެވެ. މި ބަދަލުތަކާ ގުޅިގެން ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، އައު ޕްލޭނާ އެއްގޮތަށް ބިން ދޫކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ އެ ސަރަހައްދުގައި ވަޒަންވެރިވާ އާބާދީއަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ފުރިހަމައަށް ޤާއިމުކުރުމަށް ޖާގަ ހޯދުމުގެ މަގްސަދުގައެވެ. އިސްލާހުކުރެވުނު މާސްޓަރ ޕްލޭންގައި އާންމު ދިރިއުޅުމުގެ އިތުރުން ތައުލީމީ، ސިއްހީ އަދި ސިނާއީ މަސައްކަތްތަކަށް ވަކި ސަރަހައްދުތަކެއް ވަނީ ޚާއްސަކޮށްފައެވެ.
ބިންތައް ހަވާލުކުރުމުގެ މަސައްކަތާއެކު، ގުޅީފަޅުގެ މަގުތައް ހެދުމާއި ޔުޓިލިޓީ ވިއުގަތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ސަރުކާރުން ބުނެއެވެ. މިއީ އެ ސަރަހައްދުގައި މީހުން އާބާދުވުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެކެވެ.



