ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އެ ދާއިރާއަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. މި ޕްރައިމަރީގައި ވާދަކުރައްވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
ޕީއެންސީގެ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު 6:00 އަށް ހަމަވިއިރު، އެނގިފައިވާ ގޮތުގައި މި ދެ ބޭފުޅުން ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ.
ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު ސައީދަކީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅެކެވެ. އެ އިންތިހާބުން ސައީދު ބަލިވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް އެންމެ ނުވަ ވޯޓުގެ ތަފާތުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މި ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕީއެންސީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށެވެ.



