ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް، މިހާރު އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އަބްދުﷲ ނަޝީދު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖަމީލް އައްޔަންކުރަން ނިންމިއިރު، އެ މަގާމަށް ދެން ކުރިމަތިލެއްވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ފަނޑިޔާރުކަމުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޖަމީލް ވަނީ މީގެ ކުރިން ދަނބިދޫ މެޖިސްޓްރޭޓް ކަމާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ އޮގަސްޓް 3، 2025 ގަ އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރަން ނިންމި އަބްދުﷲ ނަޝީދަކީ ޝަރުއީ ދާއިރާގައި 21 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މަނަދޫ މެޖިސްޓްރޭޓްކަމާއި، ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ އިތުރުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ.



